އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭގޮތުން އާންމުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. އެގޮތުން މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެއަކު ހާމަކުރި އަދާހަމައަށް ބަލާއިރު، ހެނދުނު 9:00 ވުމާ ހަމައަށް ވޯޜު ލާފައިވަނީ 108 އަންހެނުންނާއި 212 ފިރިހެނުން ހިމެނޭހެން ޖުމްލަ 320 މީހުންނެވެ. ވޯޓު ނުލާ ޖުމްލަ 9256 މީހުން އަދި އެބަތިއްބެވެ. ވޯޓުލުމަށް ޝަރުތު ހަމަވަނީ ޖުމްލަ 9576 މީހުންނެވެ. އެއީ 4684 އަންހެނުންނާއި 4892 ފިރިހެނުންނެވެ.


