މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ލޯން ސްކީމެއް ތައާރަފުކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މިކަމާ ބެހޭގޮތުން މަރުކަޒީ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި ”އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް“ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ސްކީމުގެ ދަށުން ދޫކުރާ ލޯނު ދައްކަންޖެހޭ މުއްދަތަކީ 25 އަހަރު ދުވަސް ކަމަށެވެ. ނަމަވެސް، ފެސިލިޓީ ނަގާ މީހާ އެދޭނަމަ އެއަށް ވުރެ ކުރު މުއްދަތެއް ވެސް ދެވިދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް އެ ސްކީމްގެ ދަށުން ފައިނޭންސިން ހަމަޖެއްސުން ކަމަށެވެ.
އެ ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރުކުރެވިދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެއީ:
° ޓައިޕް އޭ: ލީސް އެންޑިން ވިތު އޯނަޝިޕް
° ޓައިޕް ބީ: އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން
– ލީސް އެންޑިން ވިއު އޯނަޝިޕް
އެއީ ބޭންކުތަކުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެވެ.
° ސްކީމް ހިންގާ އިދާރާއަކުން ގެދޮރު އިމާރާތް ކުރުމުން އެތަންތަން ގަތުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނެ.
° އެ ލޯނު ދަށުން އަހަރެއްގެ މައްޗަށް އިންޓްރެސްޓްގެ ގޮތުގައި ނެގޭނީ އެ ލޯނު ޕްރިންސިޕަލްގެ އަދަދުގެ ފަސް ޕަސެންޓް.
° ލޯނު އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ކުލި ދައްކާ ނިމުމުން، އެތަނުގެ މިލްކުވެރިކަން ލޯނު ނެގި މީހާގެ ނަން މައްޗަށް ބަދަލު ކުރެވޭނެ.
° ލޯނާ ގުޅިގެން ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ.
– އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން
އެއީ ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެވެ.
° އިމާރާތްކުރާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ފަރާތްތަކެއްގެ އަތުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރެވޭނެ.
° މި މޮޑެލްގެ ދަށުން ލޯނު ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި އަގާއި އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން.
° މި ލޯނު ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ އިންޓްރެސްޓްގެ މިންވަރަކީ ލޯނުގެ ޕްރިންސިޕަލް އަދަދު ހަ ޕަސެންޓް.
° ގެދޮރު ގަންނަ މީހާ އިކުއިޓީގެ ގޮތުގައި ފަސް ޕަސެންޓް ބަހައްޓަން ޖެހޭނެ.
° ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަން ޖެހޭނެ. ނަމަވެސް އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ.



1 Comment
އެހެންވީމަ ދިވެހިރައްޔިތުން މިއުޅެނީ ހަމައެކަނި މާލެސަރަހައްދުގަދޯ؟ ވޯޓްހޯދަންވީމަ އަހަރުމެން ރާއްޖެތެރޭ މީހުން މަތިން ހަނދާން ވާނެ.