އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޑިސްޓްރެސް ތަރމޯމީޓަރު ބޭނުންކުރަން ފަށައިފިއެވެ.
އައިޖީއެމްއެޗްއިން މިއަދު ބުނީ، ކެންސަރު ބަލި ތަހައްމަލުކުރާ ފަރާތްތަކަށް މެޑިކަލް ފަރުވާއާއި އެކު ވަށާޖެހޭގޮތެއްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި، އެ ހޮސްޕިޓަލުގެ ނެޝަނަލް ކެންސަރ ސެންޓަރ އަދި ނެޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތްގެ އިސްނެގުމުގެ ދަށުން، ކެންސަރު ބަލިމީހުންގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ޚާއްސަ ”ޑިސްޓްރެސް ތަރމޯމީޓަރެއް“ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި ތަރމޯމީޓަރުގެ އެހީގައި، ބަލިމީހުންނާއި ބަލިމީހުނެގް ބެލެނިވެރިންނަށް ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަމުގެ މިންވަރު ފަސޭހަ ކަމާއެކު ދެނެގަނެ، އެ އެހީތެރިކަން ލިބިގެންދާނެ ކަމުގައި ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ސަރުކާރުން ވަނީ ކެންސަރު ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ހާއްސަ ބައެއް ކަންކަން ފަށަން ނިންމާފައެވެ. އެގޮތުން ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް މީގެ ކުރިން ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ނިމިފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މީގެ އިތުރުން ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ދުންފަތުގެ އިސްތިއުމާލުކުރުންފަދަ އެބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމައު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.



