މި އަހަރުގެ މިހާތަނަށް ޑިވެލޮޕްމަންޓް ފަންޑް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، (އެސްޑީއެފް)އަށް 1.6 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
އެ ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 16ވަަނަ ދުވަހުގެ ނިޔަލަށް، އެސްޑީއެފްއަށް މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
މިއީ 2024ވަނަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 1.1 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ.
ސޮވަރިން ފަންޑަށް 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ.
އެގޮތުން އަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 4.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު 120 އިންސައްތަ އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ 2.0 ބިލިއަން ރުފިޔާއެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. އަދި މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.




