ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އިންފަންޓީނޯއަށް ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު ފަހުރެއް ލިބެގެން ގޮސްފައިވާ ކަމަށާއި އުންމީދު ކުރައްވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ހެޔޮބަދަލެއް އައިސްގެން ދާނެ ކަމަށް ކަމަށެވެ.
މީގެއިތުރުންް ރައީސް ވިދާޅުވީ، އިންފަންޓީނޯގެ މި ދަތުރުފުޅުގައި އޭނާ ވަނީ އެފްއޭއެމްގެ ކުރިއެރުމަށް ކުރިއަށްގެންދެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ، ފީފާގެ ފަރާތުން އެފްއޭއެމްގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަން ކުރުމަށް އެއްބާރުލުން ދެމުން އަންނާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް މި ޒިޔާރަތް ކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ތޯރިގުގެ ހާއްސަ ދައުވަތަކަށެވެ.
އިންފަންޓީނޯގެ މި ޒިޔާރަތުގެ ތެރެއިން އިއްޔެ ގައުމީ ދަނޑުގައި ޚާއްސަ ފެސްޓިވަލެއް ކުރިއަށް ދިޔައެވެ. އެގޮތުން އެ ހަރަކާތުގެ ދަށުން އިއްޔެ ހަވީރު ވަނީ ހާއްސަ ފޯރިގަދަ ފުޓުބޯޅަ މެޗެއް ވެސަ ކުޅެވިފައެވެ.
މި ހާއްސަ ފުޓުބޯޅަ މެޗުގައި ދެ ޓީމުގެ ކެޕްޓަނުންގެ ގޮތުގައި ފެނިގެންދިޔައީ ރައީސް މުޢިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯއެވެ.
މީގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، މިނިސްޓަރުން، އަދި ސަރުކާރުގެ އިސް ބޭފުޅުން މި މެޗުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މެޗު 6-4 އިން ކާމިޔާބު ކުރީ ފީފާގެ ޓީމުންނެވެ.



