ވޯޓުލާން އަންނައިރު ޑިޖިޓަލް އައިޑީގެ ބަދަލުގައި ސީދާ ކާކުކަން އަންގައިދޭ އައިޑީ ކާޑު ގެނައުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އިލެކްޝަންސުން މިހެން ބުނެފައިވަނީ، އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން މިހާރު ނަގަމުންދާ ވޯޓުގައި ބައެއް މީހުން ވޯޓުލާން އަންނައިރު ޑިޖިޓަލް އައިޑީ ގެންދާތީ، އެކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސް މިކަމާ ބެހޭގޮތުން ވިދާޅުވީ، ވޯޓުލުން ފެށިގެން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން އަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލާން އަންނައިރު ބައެއް މީހުން ގެންނަ ލިޔެކިއުންތަކުގެ މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”ބައެއް މީހުން ވޯޓުލާން އަންނަނީ އީފާސް ޑިޖިޓަލް އައިޑީ ފޯނުން ދައްކާ ގޮތަށް. އަޅުގަނޑުމެން ހުއްދަ ދީފައި އޮންނާނީ އައިޑީ ކާޑު، ލައިސެންސް އަދި ޕާސްޕޯޓު ކާޑަށް. މިއިން އެއްވެސް އެއްޗެއްގެ ޑިިޖިޓަލް ފޯމެޓެއް ނޫން އަޅުގަނޑުމެން ބަލައިގަންނަނީ. ހަމަ ސީދާ ކާޑު ގެންނަން ޖެހޭނީ“ އުނައިސް ވިދާޅުވިއެވެ.
އައްޑޫ ރިފަރެންޑަމް ވޯޓު މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، މިއަދު ހަވީރު 4:00 އާ ހަމައަަށް ވޯޓުލުން ކުރިއަށް ދާނެއެވެ.



