ހުޅުމާލެ އިތުރަށް ހިތްފަސޭހަކުރުމަށް ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
”ހިތްފަސޭހަ ހުޅުމާލެ“ މި ނަމުގެ ދަށުން މިއަދު ހަވީރު ފެށި މި ޚާއްސަ ކެމްޕެއިނުގެ މައިގަނޑު މަޤުސަދަކީ ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމެވެ.
މީގެ އިތުރުން، ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުން ވެސް ހިމެނެއެވެ.
އެގޮތުން 12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.
މި ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވިދާޅުވީ މި ޕްރޮގްރާމަކީ ހުޅުމާލެ އިތުރަށް ހިތްފަސޭހަކޮށް، ރައްކާތެރި ކުރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
އެޗްޑީސީން ކުރިއަށްގެންދާ ”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިންގެ ދަށުން އިތުރު ގިނަ މަސައްކަތްތަކެއް މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.



