ތަޢުލީމީ ނިޒާމުގައި ޞިއްޙަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި ޢަމަލީ ޤާބިލިއްޔަތު ކުރިއެރުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭގައި މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ޤައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ، އެޤައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ޤާބިލުކަން ލިބިދިނުން ކަމުގައެވެ.
މީގެއިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަޚުލާޤު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަޤުބަލެއް ޙާޞިލުކުރުމަށާއި، ޤައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތަޢުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައިވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކްލިކް ކޮލެޖުން ކުރިއަށްގެންދަވާ ތަޢުލީމީ ޕްރޮގްރާމުތަކަށް އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ދަރިވަރުން އުފެއްދޭނެފަދަ ޕްރޮގްރާމްތައް ކްލިކް ކޮލެޖްގައި ކުރިއަށް ގެންދަވާ ކަމަށެވެ.
އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ޚިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ޤައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީންގެ ބަހާއި ސަޤާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދެއްވާ އެއްލައްކަ ރުފިޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ޙަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އެވެ.
މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖަށް ދިގުމުއްދަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ޚާއްސަ އިނާމު ހަވާލުކޮށްދެއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖްގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




1 Comment
ދޭންޖެހޭ މުސާރަ ދީބަލަ ފުރަތަމަ. ފާޑު ފާޑުގެ ޕޮލިޓިކަލް ވަޒީފާ ހަދާފަ، ލިޔަން ކިޔަން ނޭނގޭމީހުން މެނޭޖަރުންނަށް ލާފަ ތިބީމަ، ދެން ތަޢުލީމޭ، އޭއްޗެކޭ މީއްޗެކޭ ކީމާ ވަރަށް ހުތުުރު. ޑރ ކޯ ރައީސް ކަމުގަ ހުރީ. ސަޅިއެއްނު. ހުސް އެއްވަރުގެ މީހުން. ބާރުގަ ތިބެން ކޮންމެ ކަމެއް ކުރަންވެސް އޯކޭ. މިހާރު އުޅޭ ކުދިންނަށް އެނގޭ ތިކުޅޭ ކުޅިވަރު. ކަލޭމެނަށް ހީވަނީ، އެންމެންނަކީ ގަމާރުން ކަމަށްތަ.