ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރ ސަތީޝް ޝާހް އިއްޔެ މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، އުމުރުން 73 އަހަރުގެ ސަތީޝް މަރުވީ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތްކުން ބުނެފައިވާ ގޮތުގައި، ސަތީޝްގެ ދެ ކިޑްނީ ވެސް ވަނީ ފެއިލް ވެފައެވެ.
ސަތީޝް މަރުވެއްޖެކަން އޭނާގެ އާއިލާއަށްވުރެ ކުރިން ހާމަކުރީ، އޭނާއާއެކު މަސައްކަތްކޮށްފައިވާ އޭނާގެ އެކުވެރި ފިލްމު ޕްރޮޑިއުސަރު އަޝޯކް ޕަންޑިތުއެވެ.
އަޝޯކްގެ އެ ޕޯސްޓާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ސަތީޝްގެ އާއިލާއަށް ތައުޒިއްޔާގެ މެސެޖު ފޮނުވާ އެކްޓަރުގެ ހަނދާން އާކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާފައެވެ.
ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ފިލްމީ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ސަތިޝް ފިލްމީ ދާއިރާއަށް ތައާރަފްވެފައި ވަނީ ހަތްދިހައިގެ އަހަރުތަކުގެތެރޭއެވެ. ސަތިޝްގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ 1983ގެ ފިލްމު ”ޖާނޭ ބީ ދޯ ޔާރޯ“، 2003ގެ ފިލްމު ”ކަލް ހޯ ނަހޯ“، 2006ގެ ”ފަނާ“ އަދި 2007ގެ ”އޯމް ޝާންތީ އޯމް“ ހިމެނެއެވެ.
މީގެއިތުރުން ”މޭ ހޫ ނާ“، ”ޕުރާނާ މަންދިރު“، ”އުމްރާއޯ ޖާން“، ”ހަމް އާޕް ކޭ ހޭ ކޯން“، ”ދިލްވާލޭ ދުލްހަނިއާ ލޭޖާއޭގޭ“، ”އަކޭލޭ ހަމް އަކޭލޭ ތުމް“، އަދި ”މުޖްސޭ ޝާދީ ކަރޯގީ“ ފަދަ އެތައް ފިލްމުތަކަކީ ވެސް ސަތީޝް މުހިއްމު ރޯލް ކުޅުނު ފިލްމުތަކެވެ.



