އައްޑޫސިޓީ، ފޭދޫ، ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށްގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާއެކުކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން ބުނީ އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު މޮނިޓަރ ކުރުމަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުން އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިޔަށްދިޔަގޮތް އެ ކޮމިޝަނުން ބަލާފައި ވާނެކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
އެގޮތުން ވޯޓު ނެގުމުގެ ކަންކަން މައިގަނޑުގޮތެއްގައި ކުރިއަށްގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށާއި އެކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެވޭ ކަަމުގައި އެޗްއާރުސީއެމްއިން ބުންޏެވެ.
އަދި އީސީއަށް އެހީތެރިވެ ދިނުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކޮށްފައިވާ ދައުރާއި، ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ޙައްޤު އަދާކުރެއްވި ހުރިހާ ފަރާތްތަކުން ދިމިޤްރާތީ ރޫޙް ކުރިއަރުވައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްތައް ވެސް އެ ކޮމިޝަނުން ފާހަގަ ކުރެއްވިއެވެ.



