އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވަކިން ކައުންސިލެއް ހެދުމަށް ތާއީދުކުރި ހުޅުދޫ އާއި މީދޫގައި އެކަމުގެ އުފާފާޅުކުރުމަށް ހަވާއަރުވަން ނިންމައިފިއެވެ.
އިއްޔެ ނެގި އެ ވޯޓުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކާއި ވަކިން އޮންނަ ހުޅުދޫ އާއި މީދޫންވެސް ބޭނުންވީ ސިޓީ ކައުންސިލާ ވަކިވެ، ވަކި ކައުންސިލެއް އެ ރަށްތަކުގައި ހެދުމަށެވެ.
އެގޮތުން އިއްޔެ ވޯޓުލީ މީހުންގެ ތެރެއިން:
° ހުޅުދޫން %69 މީހުން އެކަމަށް ތާއީދު ކުރި
° މީދޫން %85 މީހުން ތާއީދުކުރި
މި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް، ހަވާ އަރުވަން ނިންމާފައިވަނީ، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައި މިރޭ 8:30ގަ އެވެ.
އެނގިފައިވާ ގޮތުގައި އެކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) އާއި ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ.
މި ވޯޓާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކައުންސިލުން ހުޅުދޫ އާއި މީދު ވަކިވެގެން ދިއުމަކީ ހިތްދަތި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ދެކިވަޑައިގަންނަވަން ބޭނުންވި ހާލަތެއް ނޫނެވެ. ނަމަވެސް ހުޅުދޫ އާއި މީދޫގެ ނިންމުމަށް އިހްތިރާމް ކުރައްވައި، މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.



