ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025ގައި
ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ މީޑިއާ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަމްރީންކޮށް އުފެއްދުމަށް ކުރިއަށްގެންދާ 6 މަސްދުވަހުގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރަންޖެހޭއިރު މި ޕްރޮގްރާމަށް 15 ބައިވެރިއަކު ހޮވަން ވަނީ ހަމަޖެހިފައެވެ.
ޕީއެސްއެމް އިން ބުނީ އެ ފަރާތްތައް މަސައްކަތްކުރަން ހަމަޖެހިފައި ވަނީ ޕީއެސްއެމްގެ ޓީވީ ޕްރޮޑަކްޝަނާއި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓުގައި ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ބައިވެރިންނަށް ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގެ ހުނަރު ދަސްކޮށްދޭނެެެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދައި ވަޒީފާގެ ދާއިރާއަށް ނުކުތުމަށް މަގުފަހިވާނެކަމަށްވެސް ޕީއެސްއެމްއިން ބުނެއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން އެ ކުންފުނިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ފަރާތްތަކަށް ޕީއެސްއެމްގެ ދާއިމީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދޭނެއެވެ.
މި ޕްރޮގްރާމްގައި އޯލެވެލް އިމްތިހާނު ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވުމަށް ހުށަހެޅޭނެއެވެ.
މި ޕްރޮގްރާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާގެ އިތުރުން އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށްކަމަށް ޕީއެސްއެމްއިން ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މިގޮތުން ޕީއެސްއެމްގެ ވެބްސައިޓްwww.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރުމަށް ވަނީ އެދިފައެވެ.



