ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމްޑީ ރިޔާސުއްދީން، ބަންގްލަދޭޝް (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް، ބަންގްލަދޭޝް (27) އަދި ޔާސިރް ހަމީދު، ޕާކިސްތާން (24އ) އެވެ.
ފުލުހުން ބުނީ މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.


