މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ޢިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ)އާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަހީމްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެއް ކަމަށެވެ.
އެގޮތުން މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.
އަދި އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެވެ.
މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.
އެ އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.
540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.




