ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން އިއްޔެ ފެށި ”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ، ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އޭގެ އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެޗްޑީސީއަށް ގިނަ އަދަދަކަށް ޝަކުވާ ލިބޭކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުން ކަމުގައިވެސް ބުންޏެވެ.




