މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ”ފަޔަރ އެކްސްޓިންގުޝަރސް ރީފިލިންގ“ ސެންޓަރގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފައެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި މި ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު މެންދުރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.
އެމްޕީއެލް އިން ބުނީ މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރ ޑީސީޕީ ކާބޮންޑައިއޮކްސައިޑް ސީ.އޯ.ޓު، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
އަދި އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން މި ސެންޓަރުން ސަރވިސް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ.
އެގޮތުން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި ޓެގް ކުރުމާއި ސޭފްޓީ ޕިން ހަރުކުުރުމާއި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސް.ސީ.ބީ.އޭ) ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލްނގ ކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެމްޕީއެލް އިން ބުނީ މި ސެންޓަރގެ މަސައްކަތް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މިހާތަނަށް އެމްޕީއެލްގެ ބަނދަރުތަކުގައި ބޭނުންކުރަމުންދާ އަލިފާން ނިއްވާ ފުޅިތައް ރީފިލް ކުރުމާއި ސަރވިސް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ އައުޓްސޯސްކޮށްގެނެވެ.
އެހެން ނަމަވެސް އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އަމިއްލަ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން މި މަސައްކަތްތައް ކުރަން ފެށުމަކީ ކުންފުނީގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމެކެވެ.
މި ވަގުތުވެސް އެމްޕީއެލްގެ ބަނދަރުތަކާއި އެހެން އިމާރާތްތަކުގައި ބޭނުންކުރާ 900 އަށްވުރެ ގިނަ އަލިފާން ނިވާ ފުޅި އެ ޑިޕާޓްމަންޓްއިން ދަނީ ބަލަހައްޓަމުންނެވެ.
އެމްޕީއެލް އިން ބުނީ މި ސެންޓަރ އިން މި ވަގުތު އެމްޕީއެލް އިން ބަލަހައްޓާ އަލިފާން ނިވާ އާލަތްތަކަށް ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، މި ސެންޓަރގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވިޔަފާރި އުސޫލުން މި ޚިދުމަތް ފޯރުކޮށްދޭން ފެށުމަކީ އެމްޕީއެލްގެ އަމާޒެއް ކަމަށެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ޤާބިލްކަން އިތުރުކުރުމާއި ފެންވަރު ދެމެހެއްޓުމަކީ އެ ކުންފުނިން ބޮޑު އިސްކަމެއްދޭ ކަމެކެވެ.
މިގޮތުން، ސަލާމަތާއި ރައްކާތެރިކަމުގެ އެކި ދާއިރާތަކުން ހެލްތު އެންޑް ސޭފްޓީގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކުރެެއެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގައި މި ވަގުތުވެސް އަލިފާން ނިއްވުމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުވައްޒަފުންތަކެއް އެބަތިބި ކަމަށެވެ.
މީގެ އިތުރުން އެ މުވައްޒަފުން ބޭނުންކޮށްގެން އެމްޕީއެލްއިން އަލިފާން ނިއްވުމުގެ ތަމްރީނުތައް ކުންފުނީ މުވައްޒަފުންނަށް އަދި އަމިއްލަ ފަރާތްތަކަށްވެސް މިހާރު ކުރިއަށް ގެންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.



