ބިދޭސީއެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު، ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދައި ވެރިފަރާތަށް ރައްދު ކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕެޓްރޯލްކުރަމުން ދަނިކޮށް ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.
އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމަށާއި އެ ދަބަހުގައި 20،000 ޑޮލަރު ހުންނާނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދަބަހުގެ އިތުރުން ވެސް އިތުރު ތަކެތި ވަގަށް ނެގި ކަމަށް ފުލުހުން ބުންޏެވެ.
މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދިޔައިރު 20،000 ޑޮލަރާ އެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.
މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.




