ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި މާލެ އަތޮޅުގެ ތިން ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ވަޑައިގެންނެވެ.
އޮޅުވެލިފުށީ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ މިނިސްޓަރ އޮފް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.

މިނިސްޓަރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ކުރެންދޫ ދާއިރާގެ މެންބަރާއި އޮޅުވެލިފުށީ ކައުންސިލުގެ ރައީސްގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
މި މަޝްރޫޢުގެ ދަށުން 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުން ކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 49،857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުން ކުރުމާއި، 14،160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެންޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުން ހިމެނެއެވެ.



