އައްޑޫ ހުޅުދޫ އާއި މީދޫ އެ ސިޓީން އިދާރީ ގޮތުން ވަކިވިނަމަވެސް އަތޮޅުގެ އެއްބައިވަންތަކަމަށް ބަދަލެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ދެ ރަށް ތަމްސީލްކުރައްވާ މެންބަރުން ރޭގައި ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން މިހެން ވިދާޅުވީ އެ ދެ ރަށުގައި ކުރިއަށްދިޔަ ފެންނަ ނުފެންނަ ވޯޓުގައިި އިދާރީގޮތުން ދެ ރަށް އައްޑޫ ސިޓީކައުންސިލާ ވަކިވުމަށް ނިންމި ނިންމުން ފާހަގަކުރުމަށް ހުޅުމީދޫގައި ރޭގައި ބޭއްވި ހަރަކާތުގައެވެ.
އެގޮތުން މެންބަރު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން ހުޅުދޫއާއި މީދޫ އޮތުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ދިމާވެފައިވާ ކަމަށެވެ. އެކަން ހައްލުކޮށް، އިދާރީގޮތުން މިނިވަންކަން ދެ ރަށަށް ހޯދައިދިނުމަށް ރައްޔިތުން އެދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުމަކީ ރަށާއި ރައްޔިތުންގެ ކުރިއެރުމާ ގުޅިފައި އޮތް ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
”އައްޑުއަތޮޅުގެ ކޮންމެ ދަރިއަކީވެސް އައްޑުއަތޮޅު ދެކެ ފަޚުރުވެރިވާ، އައްޑުއަތޮޅަށްޓަކައި ގުރުބާނީތަކެއް ވެފައިތިބި ބައެއް. އަދި މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ބައެއް. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އެހެން ރަށްރަށުގައިވެސް މިދިރިއުޅެނީ. އެ ބޭފުޅުންނާ އަޅުގަނޑުމެންނާ ނެތް އެއްވެސް ހިންހަމަނުޖެހުމެއް،“ ހުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހުމާން ވެސް ވިދާޅުވީ މިއީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ރަށުގެ ރައްޔިތުން ގުޅިގެން ރަށުގެ ކުރިއެރުމަށްޓަކަައި ނިންމި ނިންމުމެއް ކަމަށެވެ. ހުޅުދޫ އާއި މީދޫގައި ނެގި ފެންނަ ނުފެންނަ ވޯޓަކީ ދެ ރަށުގެ ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި ދެ ރަށުން ނިންމި ނިންމުމަށް ކުރިއަށް އޮތް ޖީލުތައް ފަޚުރުވެރިވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.


