ބޭންކުގެ ފައިސާ އަޅާފައިހުރި ސޫޓްކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް މިއަދު ފޭރިގެންފައިވާއިރު، ފައިސާ ގެންދިޔުމުގައި ފުލުހުންގެ ބޭނުން ކޮށްފައި ނުވާ ކަމަށް ފުލުހުން ދާދި ދެންމެއަކު ހާމަކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހު 4:45 ހާއިރެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. ފޭރިގެންފައިވަނީ ކޮން ބޭންކެއްގެ ފައިސާތަކެއް ކަމާއި ކިހާ އަދަދެއްގެ ފައިސާއެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި، ފައިސާ ފޭރިގެންފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފެއްގެ އަތުންނެވެ. އެއީ ފުރާ މީހުންނަށް އާ ޓާމިނަލުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓްކޭހެއްކަން ވެސް ވަނީ އެނގިފައެވެ.
އާންމުކޮށް ބޭންކުގެ އެއްވެސް ބްރާންޗަކުން އޭޓީއެމްއަށް ނުވަތަ އެހެން ތަނަކަށް ވެސް ފައިސާ ގެންދާނަމަ، ގެންދަންޖެހެނީ ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ. ނަމަވެސް މިފަދައިން މިއަދު ފައިސާ ފޭރިގަތުމުން ފުލުހުންގެ ސެކިއުރިޓީއާމެދު އެހެން ނޫސްވެރިއަކު މިއަދު ސުވާލު ކުރުމުން، އެ ފައިސާތައް ގެންދިޔުމުގައި ފުލުހުންގެ ސެކިއުރިޓީ މިއަދު ބޭނުން ނުކުރާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



