ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހުށައެޅި ޝަރުތުތަކަށް ކުންފުނިތަކުގެ ޝަކުވާއޮތުމާއެކު، އެ މިންގަނޑުތަކަށް ބައެއް އިސްލާހުތައް ގެނެސް، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެތެރޭގައި އަލުން ހުޅުވާލުމަށް ނިންމާފަވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ، މިއަހަރުގެ މަރޗްމަހު ފެށުމަށް ނިންމާފަވާ އެ ޚިދުމަތް ލަސްވަމުންދާ ސަބަބާއި އެ މަސައްކަތް ފަށާނެ މުއްދަތު އަދި އެ މަސައްކަތް ހަވާލުކޮށްފަވާ ކުންފުންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ސުވާލު ކުރެއްްވުމުންނެވެ.
މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލަށް ހުޅުވާލީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާ ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެގޮތަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭންޖެހޭގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
އޭރު ހުޅުވާލި ފުރުސަތުގައި، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރި ކަމަށާއި ނަމަވެސް އިތުރު މަޝްވަރާތަކަށްދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާފަވާ މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރި ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
”ހަމައެކަނި ޚިދުމަތުގެ ޓްކްސް ނަގާގޮތަށް އެކަނި އެކަން އޮންނަން ސަރުކާރުން ބޭނުން ނުވޭ. އެކަމުން ދަޢުލަތަށް އެންމެ ބޮޑު ފައިދާއެއް ހޯދޭނީ ކިހިނެތްތޯ ބެލީ. އެހެންވީމަ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންގައި ހިލޭ އެހީ ދޭންޖެހޭގޮތަށް ހިމެނީ. ނަމަވެސް އެވަރު ބޮޑުކަމަށް ކުންފުނިތަކުން ހާމަކުރުމުން، އޭރުގެ އާރްއެފްޕީ ޤާނޫނީ އިމުގެ ތެރެއިން މިހާރު ވަނީ ބާތިލުކޮށްފައި.“ މިނިސްޓަރ ވިދާޅުވިއެވެ.



