ޅ. އޮޅުވެލިފުށީގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު އޮޅުވެލިފުށްޓަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އޮޅުވެލިފުށީ ކައުންސިލްގެ ރައީސާއި އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ.
އެގޮތުން މިއީ މި މަޝްރޫއުގެ ދަށުން މަސައްކަތްފެށި 32 ވަނަ ކައުންސިލްގެ އިމާރާތެވެ.
މިއީ ޗައިނާގެ ހިލޭ އެހީގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ’ޓާން ކީ ޕްރޮޖެކްޓް‘ އެއްގެ ގޮތުގައެވެ. އެހެންކަމުން އެ މަސައްކަތުގެ ދަށުން ވަށާފާރު ރާނައި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދައި، އެއާކޮންޑިޝަން ވެސް ކުރާނެ އެވެ.
ކައުންސިލް ޢިމާރާތްތައް ތަރައްގީ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.



