މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދު ފަތިހު އެއާޕޯޓުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، ފިލަން ބޭނުންކުރި ލޯންޗު ވެސް ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ކުރިން މައުލޫމާތު ދިން ގޮތުގައި އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިއަދު ފަތިހު 4:45 ހާއިރެވެ.
އެގޮތުން ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް، އަދި ކޮން ބޭންކެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް ”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި، ފައިސާ ފޭރިގެންފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފެއްގެ އަތުންނެވެ. އެއީ ފުރާ މީހުންނަށް އާ ޓާމިނަލުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓްކޭހެއްކަން ވެސް ވަނީ އެނގިފައެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ފޭރުނު ފައިސާ ހޯދުނުކަމެއް ނުވަތަ ނޫންކަމެއް މިނިސްޓަރ ހާމަކުރައްވާފައެއް ނުވެއެވެ.
މިނިސްޓަރ އިހުސާން ވަނީ މި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކުރައްވައި، ތަހުގީގުގައި ހޯދި އަވަސް ކުރިއެރުންތަކަށް ތައުރީފުކުރައްވާފައެވެ.
އާންމުކޮށް ބޭންކުގެ އެއްވެސް ބްރާންޗަކުން އޭޓީއެމްއަށް ނުވަތަ އެހެން ތަނަކަށް ވެސް ފައިސާ ގެންދާނަމަ، ގެންދަންޖެހެނީ ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ. ނަމަވެސް މިފަދައިން މިއަދު ފައިސާ ފޭރިގަތުމުން ފުލުހުންގެ ސެކިއުރިޓީއާމެދު އެހެން ނޫސްވެރިއަކު މިއަދު ސުވާލު ކުރުމުން، އެ ފައިސާތައް ގެންދިޔުމުގައި ފުލުހުންގެ ސެކިއުރިޓީ މިއަދު ބޭނުން ނުކުރާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



