ރިސޯޓެއް ތަރައްގީކުރުމަށް އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައިވާ ޅ. ޅޮއްސަލަފުށި ދައުލަތަށް ނެގުމަށްފަހު އެ ރަށް އެއަތޮޅު ކުރެންދޫއަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާއާ އެކު ހައުސިން ޔުނިޓް އިމާރާތްކުރަން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ބާތިލު ކުރުމުން 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅިއެވެ. އެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ އާބިޓްރޭޝަނުން ބޭރުން ފަހުން މައްސަލަ ފަހުން ހައްލުކުރިއެވެ. އަދި އެ ކުންފުންޏަށް ކުރިން ވެސް ދިން ތަންތަން އަލުން ދޭން ވެސް ވަނީ އެއްބަސްވެފައެވެ.
އޭރު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ހުރި ބިމުގައި ސޯޝަލް ހައުސިންގެ ފްލެޓް އިމާރާތް ކުރުމުން އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އިމާރާތްކޮށް، ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން 30 ލަގްޒަރީ ވިލާގެ ރިސޯޓެއް ހެދުމަށް ޅޮއްސަލަފުށި އެ ކުންފުންޏަށް ދިނެވެ.
ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ބިމުގެ ދަތިކަން އެ ރަށަށް ބޮޑުވެފައިވާތީ ޅޮއްސަލަފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދަވާ ކަމަށެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ބޭރުގެ ބަޔަކަށް އެ ރަށް ދިނުމަށް އެއްބަސްވުން ހަދާފައި އޮތް ނަމަވެސް އެއްބަސްވުމާއި ގަވާއިދުތައް ބަލައިގެން ދައުލަތަށް ގެއްލުން ނުވާ ގޮތަށް އެ ރަށް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
”އެގްރީމަންޓުގެ ޓާމްސްތަކާއި ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން އެ ރަށް ދައުލަތަށް ގެއްލުން ނުވާ ގޮތަށް ނަގާ ތި ބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އެކަމަކު ނުއެއް ނިމޭ. ދެ ފަރާތަށް ގެއްލުން ނުވާ ގޮތަށް އަދި އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތާ ގުޅުވައިގެން އެ ދޭންޖެހޭ ބަދަލު އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ދޭންޖެހުން ކަމަށް ވިޔަސް، އެ ތަފްސީލުތައް ނިމުނުހާ އަވަހަށް މި މައްސަލަ ނިންމާލެވޭނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ކާމިޔާބު ވާނެ ކަމަށާއި ހަމަޔަގީނުން ވެސް ކުރެންދޫގެ ބިމުގެ ޖާގައަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ނަމަވެސް އެކަމަކީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ރަށާ ގާތްގަނޑަކަށް 350 މީޓަރު ދުރުގައި އޮތް ޅޮއްސަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



