ވަގަށް ސިނގިރޭޓު ކޭސްތަކެއް އެތެރެކޮށްފައިވާ އެގްޒޮޓިކް އެންޓަޕްރައިސަސްގެ ހިއްސާތައް، ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ވާނީ ދޫކޮށްލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާން ވިދާޅުވެއްޖެއެވެ.
ކޯޓު އަމުރެއްގެ ދަށުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް އެތެރެކުރި މައްސަލައިގައި، އެގްޒޮޓިކް އެންޓަޕްރައިސަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކަށް ދީފައިވާކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ހޯދުންތަކުން ވަނީ ހާމަވެފައެވެ. އެއާއެކު، އެ މެންބަރަކީ ސިރުހާން ކަމަށް ބުނެ އިއްޔެ ވަނީ އަޑުތަކެއް ވެސް ފެތުރެން ފަށާފައެވެ.
އެގޮތުން އެގްޒޮޓިކް އެންޓަޕްރައިސަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރިއިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ އެމްޕީ ސިރުހާން ކަމަށް ވަނީ އަޑުފެތުރިފައެވެ.
މިވާހަކަތަށް ދޮގުކޮށް އެމްޕީ ސިރުހާން ”އެކްސް“ ގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 241 ކޮމިޓީން އިއްޔެ ފާސްކުރި ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެން ހަގީގަތާ ހިލާފު ބައެއް ވާހަކަތައް އޭނާއާ ގުޅުވައި ދައްކަމުންދާ ކަމަށެވެ.
އެކަން ސާފު ކޮށްދެއްވަމުން އެމްޕީ ސިރުހާން ވިދާޅުވީ، އެގްޒޮޓިކް އެންޓަޕްރައިސަަސްއަކީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ރެޖިސްޓްރީ ކުރެވިގެން ހިންގަމުންއައި ވިޔަފާރި ކުންފުންޏެއް ކަމުން، 2023 ވަނަ އަހަރު އޭނާއަށް ލިބުނު ފުރުސަތެއްގައި އެ ކުންފުންޏާ ގުޅިފައިވާނެ ކަމަށެވެ.
އެގްޒޮޓިކް އެންޓަޕްރައިސަސްއާ ގުޅުނުއިރުވެސް އެ ކުންފުންޏަކީ ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރެޖިސްޓްރީ ކޮށްފުންޏެއް ކަމަށް އެމްޕީ ސިރުހާން ވިދާޅުވިއެވެ.
”ނަމަވެސް އަޅުގަނޑު އެ ކުންފުންޏާ ގުޅުނުތާ މާގިނަ ދުވަސްތަކެއް ނުވެ، ސިޔާސީ މަސައްކަތުގައި އުޅުމަށް ގަސްދުކޮށް އެ މަސައްކަތަށް ވަގުތު ހުސްކުރުމަށްޓަކައި އަޅުގަނޑު ހިއްސާވާ ކުންފުނިތަކުގެ ހިއްސާވާނީ ދޫކޮށްލާފަ. އެގޮތުން އެގްޒޮޓިކް އެންޓަޕްރައިސަސްގައި އޮތް އަޅުގަނޑުގެ ހިއްސާވެސް ވާނީ ދޫކޮށްލާފަ“ ހިތާދޫ ދާއިރާގެ މެންބަރު ސިރުހާން ވިދާޅުވިއެވެ.
މީގެއިތުރުން އެމްޕީ ސިރުހާން ވިދާޅުވީ، އޭނާ އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޯޑް ޑައިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުންނެވިއިރު ރާއްޖޭގެ ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް އެކުންފުނިން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
”އެ ކުންފުނީގައި އޮތް އަޅުގަނޑުގެ ހިއްސާ ބަދަލު ކުރީ ކުންފުނީގެ އޮޑިޓެއް ހެދުމަށްފަހުގައި ކަމުން ކަސްޓަމްސްގެ ބޮންޑެޑް ވެއަަހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފްސީލު ވަރަށް ސާފުކޮށް އެނގެން އޮންނާނެ“ އެމްޕީ ސިރުހާން ވިދާޅުވިއެވެ.
އެމްޕީ އިތުރަށް ވިދާޅުވީ، އެ އޮޑިޓުންވެސް އެހާތަނަށް ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސްއަކުން ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ބޭރުނުވާކަން ސާފުވާނެ ކަމަށެވެ.
އެހެންކަމުން ސިނގިރޭޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ހިއްސާ އެމްޕީ ސިރުހާންއަށް ދީފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.




