އެގްޒޯޓިކް އެންޓަޕްރައިސަސް އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ”ގެއްލުނު“ މައްސަލައިގައި އެ ކުންފުނިން 14 ދުވަސްތެރޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކަސްޓަމްސް އިން އެގްޒޯޓިކް ކުންފުންޏާ ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ، ވައިގެ މަގުން 180 ކޭސް ކެމަލް ޔެލޯ، 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ އަދި 110 ކޭސް އެމެރިކަން ލެޖެންޑް، އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ.
މިގޮތަށް ބަހައްޓާ ތަކެއްޗަކީ ކަސްޓަމްސްގެ ހުއްދަ ލިބިގެން، ޑިއުޓީ ދެއްކުމަށް ފަހުގައި ނޫނީ ނެރެގެން ވާނެ އެއްޗެހި ނޫން ކަމަށް ވިޔަސް އެ ތަނުން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ އެކަނި ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ނަމަވެސް އެ ވެއާހައުސްގައި ދެން ހުރި ހުރިހާ ސިނގިރެޓެއް ވަނީ ގެއްލިފަ އެވެ. އެހެންވެ، ކަސްޓަމްސް އިން މިދިޔަ ޖުލައި މަހު ދައުވާކޮށްފައި އޮތީ، ވެއާހައުސް އިން ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޮޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47،182،011.86 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.
ކަސްޓަމްސް އިން ދައުވާގައި ބުނެފައިވާ ގޮތުގައި ޑިިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އެގްޒޮޓިކް ކުންފުންޏަށް އެންގުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ، އެ ފައިސާ ދައްކަން ހުކުމްކޮށްދިނުމަށް ކޯޓުގައި އެދުނީ އެވެ.
ދައުވާގެ ލިޔެކިޔުންތައް އެގްޒޮޓިކް ކުންފުންޏަށް ރައްދު ކުރުމުން ވެސް އެ ލިޔުންތަކާ ހަވާލުވި ކަމުގެ ލިޔުމެއް ވެސް އަދި ދައުވާއަށް ރައްދެއް ވެސް، ގާނޫނުގައި ބުނާ 14 ދުވަސް ތެރޭ ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން މިއީ ޣައިރު ހާޒިރުގައި ނިންމޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވައި ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު ވަނީ ކަސްޓަމްސް އިން އެދުނު ގޮތަށް ހުކުމް ކުރައްވައިފަ އެވެ.



