ކ. ކާށިދޫ ފަޅުގައި ހަދަން ނިންމާފައިވާ ރިސޯޓާ އެކު، އެ ރަށުގައި ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކާށިދޫގެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ކަނޑައަޅައި، އެ ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
ކ. އަތޮޅުގެ ތިން ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، އެ ރަށުގައި ޓޫރިޒަމް ފުޅާކުރުމަކީ އެމަނިކުފާނުގެ ވައުދަކަށް ވާތީ ކާށިދޫ ފަޅުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން ލުއިތަކަކާއެކު އަނެއްކާ ވެސް އިއުލާނުކޮށްފައިވާ ކަމަށެވެ.
”ފުރަތަމަ އިއުލާންކުރި މަރުހަލާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރުމުން އެކަން ނުވެފައި އޮތީ. އެހެންވެ މި ރަށަށް ހާއްސަކޮށް ބޮޑެތި ލުއިތަކަކާ އެކު އަލުން ހުޅުވާލައިފިން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަށް ދެވަނަ ފަހަރަށް ހުޅުވާލާފައި ވަނީ އިންވެސްޓަރުން ޝައުގުވެރިވާނެ އިތުރު ލުއިތަކަކާ އެކުއެވެ.



