ކ. ކާށިދޫގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފިއެވެ.
އެ ސެންޓަރުގެ ޢަމަލީ މަސަައްކަތްފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ކާށިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެންނެވެ.
އެ ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިތުރުން ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރުއެވެ.
މިއީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާއާ އަދި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކެކެވެ.
ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ.
ކާށިދޫއަކީ ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރުޢޫގައި ހިމެނޭ އެއް ރަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާޙުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ.
މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ
އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތާންގައި ޤާއިމުވެފައެއް ނެތެވެ. ސަރުކާރުގެ ޢަމާޒަކީ އައު ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދިއުމެވެ.




