މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ފަތިހު އެއާޕޯޓުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން މައުލޫމާތު ދިން ގޮތުގައި އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ އިއްޔެ ފަތިހު 4:45 ހާއިރެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހުން ފޭރިގެންފައިވަނީ 100،000 ޑޮލަރު އަޅާފައިހުރި ސޫޓްކޭހެކެވެ.
ނަމަވެސް ”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި، ފައިސާ ފޭރިގެންފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުންނެވެ. އެއީ ފުރާ މީހުންނަށް އާ ޓާމިނަލުން ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓްކޭހެއްކަން ވެސް ވަނީ އެނގިފައެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ”އެކްސް“ ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ލ.މާވަށް، ރޭޝަމް / މާޒިން މޫސާ (25އ)، މާލެ، މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމް (20އ) ގެ އިތުރުން ކ.ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) އަދި ހަމަ އެގެއިން ޙުސައިން ޝަހުދު (30އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އާންމުކޮށް ބޭންކުގެ އެއްވެސް ބްރާންޗަކުން އޭޓީއެމްއަށް ނުވަތަ އެހެން ތަނަކަށް ވެސް ފައިސާ ގެންދާނަމަ، ގެންދަންޖެހެނީ ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ. ނަމަވެސް އިއްޔެ އެ ފައިސާތައް ގެންދިޔުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



