ސަރުކާރުގެ %100 ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ގެސްޓުހައުސް ވިޔަފާރިއަށް ވަނުމަށް ސަރުކާރުން އިއުތިރާޒު ނުކުރާ މޭރުމަކުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވާހަކަ ދައްކަވައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ޓޫރިސްޓު ހޮޓާ ހިންގުމުގެ ވިޔަފާރިއަށް ވަންނަންް އުޅޭކަން އިއުލާނުކޮށްފައިވާތީ، އެއީ އަމިއްލަ މީހުން ކުރާ ވިޔަފާރިއަކަށްވުމުން ހައްޖު ކޯޕަރޭޝަނުގެ އެ ނިންމުން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިނިސްޓަރު ސައީދުއާ މިއަދު މަޖިލިސް ޖަލްސާގައި ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ކުންފުންޏަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށެވެ. އަދި އެ ކުންފުންޏަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ޖާގަ ލިބޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނުން ހަލާލު ޓޫރިޒަމްގެ ވިޔަފާރިކޮށްގެން ފައިސާ ހޯދުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވެފައިވަނީ މިހާރު އޮންނަ ގޮތުން ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް އިސްލާމިކް މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ.



