ކ. ދިއްފުށީގައި ސަރުކާރުން ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ ރައްތަކަށް މިއަދު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.
އެ ސެންޓަރުގެ ބިންގާ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސައުދީގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރާއި އެ ރަށު ކައުންސިލް ރައީސެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ގިނަ ރަށްތަކެއްގެ އެފްއާރުސީގެ މަސައްކަތް އެމްޓީސީސީ، ފެނަކަ، އާރުޑީސީ އަދި އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ޤާއިމްކޮށްދެއްވުމެވެ.



