މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކުރާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ގެ 2 ވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޕީއެލް އިން ބުނީ މި ކޮންފަރެންސްގެ 2 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އެ ކޮންފަރެންސްގެ 2 ވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ ”ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ“ އެވެ.
އެމްޕީއެލް އިން ބުނީ މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށެވެ.
އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތެއް ހިމެނޭކަމަށް އެމްޕީއެލް އިން ހާމަކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ކޯސްޓް ގާޑް، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް
ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައިއޭޕީއެޗް) ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެމްޕީއެލް އިން ބުނީ މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރުވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ސްޕޮންސަރކުރުމަށް ނުވަތަ ޕާޓްނަރއަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ldd@port.mv އަށް އީމެއިލް ނުވަތަ 303 9031 / 3039030 އަށް ގުޅުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.
އެމްޕީއެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ.
އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް ލިބުނެވެ.




