ނޫސްވެރިން މަސްދަރު ހާމާކުރަން ޖެހޭ އިތުރު ހާލަތްތަކާ އެކު ހައި ކޯޓުން އަމުރު ހޯދަން އެދޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ އިސްލާހެއް ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތަސްދީގު ކުރައްވައި، ޖެނުއަރީ 2023 ގައި އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރާ ގުޅޭ ގޮތުން ހުރި މާއްދަތަކާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އެއިރު އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރީ އެ ކަންބޮޑުވުންތަކަށް މާ ބޮޑު ހައްލުތަކެއް ނުގެނެސްދީއެވެ.
އެ ޤާނޫނު އަލުން އިސްލާހު ކުރައްވާނެކަމަށް ރައީސް ޞާލިޙު އެއިރު ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނީ، އެ ބިލަށް ފަހުން ހުށަހެޅި އިސްލާހު މަޖިލީހުގައި މަޑުޖެހިފައި އޮއްވައެވެ.
އޭރު ކޮމިޓީން އެ މަސައްކަތް ނިންމި ނަމަވެސް އެމްޑިޕީގެ މެންބަރުންގެ ތާއިދު ނުލިބިގެން އަނެއްކާވެސް އަނބުރާ ކޮމިޓީއަށް ފޮނުވާލިއެވެ.
މި ސަރުކާރުން ވަނީ، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އެ މާއްދާ އިސްލާހު ކުރާނެކަމަށް ބުނެފައެވެ.
ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އެގޮތުން މި ބިލުގައި މައިގަނޑު އެއް އިސްލާހަކަށް ހުށަހަޅާފައި އޮތީ، އޭރު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރި، ގާނޫނުގެ 136 ވަނަ މާއްދާގައިވާ މަސްދަރު ހަމާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމެވެ.
މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް ގާނޫނުގައި މިހާރު ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވެއެވެ.
މިއަދު ހުށަހަޅާ އިސްލާހުގައި އޮތީ، އެފަދަ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށާއި އަދި 24 ގަޑިއިރު ތެރޭ އެ ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހެއެވެ.
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.
ޕީއެންސީން ހުށަހެޅި އިސްލާހުގައިވާ ހާލަތްތައް:
° ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުން
° ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
° ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
° ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
° އަދި ”އެ ނޫން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް“ އެކުލެވޭ ކުށް



