ސިނގިރޭޓު ކޮންޓޭނަރު މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރަކު މިއަދު މަޤާމުން ވަކިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް ވަނީ މި ދެބޭފުޅުން މަޤާމުން ވަކި ކުރައްވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސް މުޢިއްޒު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށް، ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގަވާފައިވާމަށެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި، ކަސްޓަމްސްގައި މި ވަގުތު ތިއްބެވި ހަތަރު ޑެޕިއުޓީން ކޮމިޝަނަރުންގެ ތެރެއިން، ވަކިކޮށްފައިވަނީ އިބްރާހިމް މަފާޒު އަދި އަބްދުﷲ ވަހީދެވެ.




