މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ރޭގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ މ. ބޮޑުގެ މިސްކިތް އަޅަން މާދަމާ ބިންގާ އަޅާނެ ކަމަށާއި އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
އޭގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި، ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެއެވެ.
މިނިސްޓަރ ޝަހީމް، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ޒިކުރާ މިސްކިތް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެތަން ޑިޒައިންކުރުމުގެ މަރުހަލާއެވެ.
މީގެއިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް މި ސަރުކާރުން އަޅާނެއެވެ. އެތަން ވެސް ވަނީ ބަޔަކާ ހަވާލުކޮށް، ޑިޒައިންކުރުމުގެ މަރުހަލާގައެވެ.
މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ ހުޅުމާލެ 1 ގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ވެސް ޒަމާނީ މިސްކިތެއް އަޅައި ނިމެމުންދާ ކަމަށެވެ. އެ ހުރިހާ މިސްކިތަކަށް ވެސް ސްޕޮންސާ ވަނީ ހަމަޖެހިފަ އެވެ.
”ދެން ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތެކެވެ. އެއީ ހެންވޭރު މަސްޖިދު އަފީފުއްދީނެވެ. ﷲ އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެ އެވެ. މި ހުރިހާ މަޝްރޫއަކަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ.“ މިނިސްޓަރ ޝަހީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މާލެގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރިއަސް، އާސާރީ މިސްކިތްތައް ހަމަ އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.




