ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީ، ”އެސްއެމްއީ ޑިޖިޓަލް“ އަށް ރީބްރޭންޑް ކޮށްފިއެވެ.
މީގެ ކުރިން ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގި އެސްޑީއެފްސީއަކީ މިހާރު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެކެވެ.
އެސްޑީއެފްސީ، އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑް ކޮށްފައިވަނީ އެކަމަށްޓަކައި ބީއެމްއެލްގެ ފަރާތުން މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ.
އެސްޑީއެފްސީ ރީބްރޭންޑް ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއި ޗެއާޕާސަން އަހުމަދު އަލީ ހަބީބް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނި އެސްއެމްއީ ޑިޖިޓަލަށް ރީބްރޭންޑު ކުރީ ކުންފުނީގެ ކުރިމަގު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
”އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑު ކުރުމާ އެކު މިއަދު ފެށިގެން މިދަނީ ކުންފުނީގެ މުޅިން އާ ސޮފްހާއެއް. ކުރިއަށް އޮތް ތަނުގައި މި ކުންފުނި ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ކުންފުންޏަކަށް ނޫން. ކުރިއަށް އޮތް ތަނުގައި މި ކުންފުނި ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ވިޔަފާރީގެ ހުރިހާ ސޮލިއުޝަންތަކެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް،“ ބަދުރުއްދީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް އެސްއެމްއީ ޑިޖިޓަލްވާނެ ކަމަށެވެ.


