2026 ވަނަ އަހަަރަށް ލަފާކޮށް ކަނޑައަޅާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅަން އެޖެންޑާކޮށްފައިވާކަން ހާމަކުރައްވާފައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ޖުމުލަ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ.
އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
އަދި އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. މިގޮތުން ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާވެސް ވަނީ ހިމަނާފައެވެ.




