ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކޮށްފިއެވެ.
އެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ބާސެލޯ ނަސަންދުރަގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގައި މަސައްކަތް ކުރި ބޭންކުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. މުވައްޒަފުންނާ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމަށް އެ ހިދުމަތް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ ގެ ނަމުގައި ފެށި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ގައެވެ.
އޭގެ ފަހުން 9 މަސްދުވަސް ތެރޭ ބީއެމްއެލް އިން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔައީ މީގެ ކުރިން ބޭންކުން އޭޓީއެމް ގާއިމުކުރުމަށް ކޮށްފައިވާ ހަރަދާ އަޅާބަލާއިރު %33 ކުޑަކޮށެވެ.



