ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ނ. މަނަދޫ، ގަސްކަރަ / ހުސްނީ މުބާރިކް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ މުބާރިކް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ހުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހުސްނީ މުބާރިކާއި ހަވާލު ކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހުސްނީ މުބާރިކް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.


