އަވަށްޓެރި ޝްރީ ލަންކާއިން 33 ޤައުމަކަށް ހިލޭ ވިސާ ލިބޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ކުރިން އިއުލާނު ކުރިކަމުގައި ވިޔަސް، ގާނޫނީ ސަބަބުތަކާ ހެދި އަދި އެކަން ތަންފީޒު ކުރެވެން ނެތްކަމަށް ލަންކާގެ ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތަ ހީރަތު ވިދާޅުވެއްޖެއެވެ.
އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން (އީޓީއޭ) ހިލޭ ލިބޭ ގައުމުތައް ލަންކާއިން އިއުލާނު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައެވެ. އަދި ހިލޭ ވިސާ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެއީ ޓޫރިސްޓުން އިތުރުކުރުމުގެ މަގްސަދާ އެކު ކުރަން ނިންމި ކަމެއް ނަމަވެސް އެ ނިންމުން އަދިވެސް ތަންފީޒެއް ނުކުރެއެވެ. އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން ލަންކާއަށް ދާއިރު އަދިވެސް ވިސާ ފީ ދައްކަން ޖެހެއެވެ.
އަންގާރަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމަކަށް ފަހު މިނިސްޓަރު ހީރަތު ވިދާޅުވީ އާ ގެޒެޓް ނޮޓިފިކޭޝަން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށާއި އޭގެ ފަހުން އެކަން ތަންފީޒުކުރަން ފެށޭނެ ކަމަށެވެ. އަދި އެ ގައުމުތަކަށް ހިލޭ ވިސާ ދިނުން، 1-2 މަސް ތެރޭ ކުރެވޭނެ ކަމަށް ވެސް ހީރަތު ވިދާޅުވިއެވެ.
އިކޮނޮމީނެކްސްޓް“ ނޫހަށް ހީރަތު ވިދާޅުވެފައިވާ ގޮތުގައި ވިސާ ހިލޭ ނުކުރެވިގެން އުޅެނީ ލަންކާގެ އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް އޮތުމުންނެވެ.
”ކުރިން ހެދި އޮންލައިން ވިސާ ސްކީމްގައި ދިމާވި ގާނޫނީ މައްސަލަވެސް އަދި އޮތީ ނުނިމި. އަޅުގަނޑު މި އިންތިޒާރުކުރަނީ އެޓާނީ ޖެނެރަލްގެ ބަހަކަށް.“ ހީރަތު ވިދާޅުވިއެވެ.



