ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯއަށް މުޙައްމަދު ޝަރީފު އައްޔަނު ކުރި ފަހުން، އެ ބޭންކުގެ ލީޑަރޝިޕް ބޮޑުތަނުން ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި ބީއެމްއެލްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ބީއެމްއެލްގެ ސީއީއޯ ޝަރީފްގެ ލީޑަރޝިޕްގައި ކޮންމެ ދުވަހަކުވެސް ބީއެމްއެލްގެ ޚަބަރެއް ފެންނަ ކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
”ބީއެމްއެލް އާ އުސްމިންތަކަށް ދަތުރުކުރަމުންދާ މަންޒަރު، އަަލުގަނޑުމެންނަށް ފެނޭ. އަދި ބީއެމްއެލްއިން މުޖުތަމައުއާ ދުވަހުން ދުވަހަކަށް ގާތްވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނޭ“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމްގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުވެސް ބީއެމްއެލްއިން ފުރިހަމަ ކުރިކަން ފާހަގަ ކުރައްވާފައެވެ.




