ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14 މީހަކަށް ލިބިފައިވާ ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދިނުމަށް ޒަކާތު ހައުސް މިއަދު ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ޒަކާތު ހައުސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް މީހުންނަށް ސަރުކާރުން ދޭ ފުލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާކުރުމަށްފަހު، އެ މީހުންނަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދޭން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، ޒަކާތު ފަންޑުން 14 މީހަކަށް ޑައުން ޕޭމަންޓު ދައްކައިދިނުމަށް 340،000 ރުފިޔާ ޚަރަދުކުރާނެ ކަމަށާއި އެ ފައިސާ ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
އަދި އެއަށްފަހު، އެމީހުން ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ޒަކާތު ހައުސް އިން ވަނީ ނިންމާފައެވެ.



