ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ، ސިނގިރޭޓާ ގުޅޭ މައްސަލައަކާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުން އިއްޔެ ވަކިކުރި މަހްމޫދު ރިޔާޒް، އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފިއެވެ.
މި މައްސަލައާ ގުޅިގެން ރިޔާޒްގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމުން އިއްޔެ ވަކިކުރީ ޢަބްދުﷲ ވަހީދެވެ. މި ދެ ބޭފުޅުންނަކީ ވެސް ކަސްޓަމްސް ގައި 32 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
އެގޮތުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ.
ރިޔާޒް މިއަދު ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
”މާތްالله ގަންދީ ހުވާކޮށްފައި ބުނަން ގޯސް ކަމެއްގައި ބައިވެރިވެފައެއް ނުވާނެ. އަދި، ނުވެސް ވާނަން“ ރިޔާޒް ވިދާޅުވެފައިވެއެވެ.
މިފަދަ ދަނޑިވަޅެއްގައި ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށާއި ނަމަވެސް އޭނާގެ އިންޓަގްރިޓީއާ މެދު އިތުބާރު ކުރެއްވުމަށް ރިޔާޒް މެސެޖުގައި އެދިލައްވާފައިވެއެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.


