މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު ވަނީ އެ ކުންފުނީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމުގައި އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
ހަމަ އެއާއެކު އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯގެ ހިސާބުތަކުން ދައްކައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، މި ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ވަނީ ރީކްލެސިފައި ކުރެވިފައި ކަމުގައިވެސް އެސްޓީއޯ އިން ވަނީ ހާމަކޮށްފައެވެ. މިއާއިއެކު ޖުމްލަ ހިންގުމުގެ ޚަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. އަދި އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައެވެ.
އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ޚަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 230 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މިއީ، އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެއްކަން ވެސް ހިސާބުތަކުން ހާމައެވެ.



