ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ހަވަނަ، ”ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއް ކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ ޢާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
ޞިއްޙީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ޚާއްޞަކޮށް އެކި ބަލިބައްޔަށް ޚާއްޞަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
މިހެން ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާއި، ޑައެޓީޝަނުންނާއި، ފިޒިއޮތެރަޕިސްޓުންނާއި، ޕެލިއެޓިވް ކެއަރ ޓީމުތަކުން، ސަރޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާގެ އެދެވޭ ނަތީޖާއެއްގެ ގޮތުން، ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދިނުމުގައި އެހީއަކަށްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޚާއްޞަކޮށް 40 އަހަރުން މަތީގެ އެންމެހާ އަންހެނުން، އަދި ޖުމުލަކޮށް ހުރިހާ އަންހެނުން، އަހަރަކު އެއްފަހަރު، މެމޮގްރާމް ހަދައި، ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަކުލީފެއް ނޫންކަމަށާއި އެއީ ޙައްޤެއްކަން، އެންމެހާ އަންހެނުންނަށް، އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.
ހެލްތު މިނިސްޓްރީއާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޓީމުތަކާއި، ޞިއްޙީ ފަރުވާދޭ އެކި މުއައްސަސާތަކުގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ބޭފުޅުންގެ އިސްނެންގެވުމާއި، މަސައްކަތަކަށް ބަހައްޓަވާ އިޚުލާޞްތެރިކަމަށް އެ ކަމަނާގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވިއެވެ.
އަދި ޞިއްޙީ ފަރުވާދިމުނުގައި އަންނަ ކުރިއެރުންތަކަކީ، އެކަމުގެ އަސަރު ސީދާގޮތެއްގައި ވަކިވަކި ފަރުދުންނާއި ޢާއިލާތަކަށް އިހުސާސްކުރެވޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
”ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް“ އަކީ، ކެންސަރު ބަލީގެ ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، އެ ދާއިރާގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބަލި ތަހައްމަލުކޮށްފައިވާ މީހުން އެއްފުރާޅެއްގެ ދަށުން ބައްދަލުވެ، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޝާމިލުގޮތުގައި ފަރުވާދިނުމާއި، ބަލިޖެހުމުގެ ހިރާސް ދެނެގަތުމުގެ އިސްތިރާޖުތަކާއި، ފަރުވާއާ ގުޅުންހުރި އެންމެ ފަހުގެ އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ބާއްވާ މަހާސިންތާއެކެވެ.
މި އަހަރުގެ މަހާސިންތާގެ ޝިޢާރަކީ، ”ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު“ މިއެވެ.



