ފަގީރުންނަށް ހާއްސަކޮށް ޒަކާތު ބެނެފިޝަރީ ކާޑެއް ތައާރަފް ކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތަޢާރަފުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމާފައިވާ ކަމަށެވެ.
“މި ކާޑު ތަޢާރުފްވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މި ކާޑު އުފެއްދުމުގެ މަޤުސަދަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި އިދާރާއެއްގެ ގޮތުގައި އުފައްދަވާ ޒަކާތު ހައުސްއާއި ހަވާލުކުރައްވާފައިވާ މުހިއްމު މަސްއޫލިއްޔަތުކަމުގައިވާ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުން ކަމަށެވެ.
އަދި މި ކާޑު ތައާރަފު ކުރުމަކީ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ހާމަކުރެެެއެވެ.



