ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ވަނީ 9 މީހަކު ހައްޔަރުކޮށްފައެވެ.
އޭގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފައި ވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން އެވެ.
އާރިފްއާއި އާއި މުއާޒު އަދި ޒިވާރު ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންދުކޮށް، ތަހުގީގުގެ ބޭނުމަށް ކޯޓުން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
އަދި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގީ އޭނާގެ ބަންދުށް ކުރިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.
މީގެ އިތުރުން ފިރުޝާން ޝަރީއަތް ނިމެންދެން ބަންދުކުރީ އޭނާ ބަންދުކުރަން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
މި އަަހަރުގެ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި 2 ކޮންޓެއިނަރު ސިނގިރޭޓު، ހުޅުމާލޭގައި ހުންނަ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.
ސައުދީ އަރަބިއާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނަގަން ފަންޑުކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވިޔަފާރިވެރިޔާ، އެޕޯލޯ ހޯލްޑިންގްސްގެ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން 9 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.




