އަފްޣާނިސްތާނާއި ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު ކުރަން އެއްބަސްވެއްޖެއެވެ.
މިކަންހާމަކޮށްފައި ވަނީ ތުރުކީގެ ފޮރިން މިނިސްޓްރީންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަފްޣާނިސްތާނާއި ޕާކިސްތާނުން އިސްތަންބޫލްގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދަމަހައްޓަން އެއްބަސްވެފައިވާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ބާއްވާ މަޝްވަރާތަކާ ގުޅޭ ގޮތުން އެކުލަވާލި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ދުވަހު އިސްތަންބޫލްގައި ބާއްވާ ސީނިއާ ލެވެލްގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
”އަދި އޮކްޓޯބަރު 25 އިން 30 އަށް އިސްތަންބޫލްގައި ބޭއްވި ބައްދަލުވުންތަކުގެ މަގްސަދަކީ އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮކްޓޯބަރު 18-19 އަށް ދޯހާގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުންތަކެއް“ އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މޮނިޓަރ ކުރުމާއި ވެރިފިކޭޝަން މެކޭނިޒަމެއް ގާއިމް ކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަފްޣާނިސްތާނުގައި ހިނގި ގޮވުންތަކަކާ ގުޅިގެން މި މަހުގެ ކުރީކޮޅު އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެ ގައުމުން ވަނީ ހަފްތާއެއްހާ ދުވަހުގެ ބޯޑަރު ހަމަނުޖެހުންތަކެއް ހިންގާފައެވެ. އަދި އެކަމުގެ ތުހުމަތު އަފްޣާނިސްތާން ސަރުކާރުން ޕާކިސްތާނުގެ ބޮލުގައި ވަނީ އަޅުވާފައެވެ.
އޭގެ ފަހުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގެ 200 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލި ކަމަށް ބުނާއިރު، އަފްޣާނިސްތާނުން ބުނަނީ ޕާކިސްތާނުގެ 58 ސިފައިން މަރާލާފައިވާ ކަމަށެވެ.
މިއީ 2021 ވަނަ އަހަރު ކާބުލްގެ ކޮންޓްރޯލް ތާލިބާނުން އަލުން ހޯދި ފަހުން ދެގައުމުގެ ދެމެދުގައި ހިނގި އެންމެ ސީރިއަސް ހަމަލާ ބަދަލުކުރުންތަކެވެ.



