ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ތަސްދީގުކުރި ބިލާއި ގުޅިގެން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާތީ އެކަމަށް ޚާއްސަކޮށްގެން މީޑިއާތަކުން ބާއްވާ ޓެލެތޯން މިއަދު ހަވީރު ފަށަން ނިންމައިފިއެވެ.
މިއަދު ހަވީރު 3:45ގައި ފަށާ މި ޓެލެތޯނު މިރޭވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ޓެލަތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރު އެވެ.
މި ޓެލަތޯންގެތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުމާއި ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި މަޢުލޫމާތު ގެނެސްދޭނެއެވެ.
އަދި މިކަމާއިގުޅިގެން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢުރޫތައްވެސް ގެނެސްދޭނެއެވެ.
ބޭންއެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރަން ބިލު ފާސްކުރުމަށްފަހު އެ ބިލު ތަސްދީގުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އެ ބިލުގައި ބުނީ 2025 ނޮވެމްބަަރު މަހުގެ އެކަކުން ފެށިގެން ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ ކަމަށާއި މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށްވެސް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.




