އައްޑޫސިޓީ، މީދޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މީދޫ އަވަށު އޮފީހާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި ދެމެދުއެވެ.
ޑީއެންއާރުން މީގެ ކުރިން ވަނީ ހިތަދޫ އާއި ހުޅުދޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމަށް އައްޑޫސިޓީ ކައުންސިލާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޑީއެންއާރުން ވަނީ ބުނެފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ.



